އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހއ. ދިއްދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވިދާޅުވީ އެ ރަށުގެ ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަޅުފޮއެ މޫސުން ނިމުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް ﷲ މިންވަރުކުރައްވައިފިއްޔާ، އަޅުގަނޑުމެންގެ ދައުރު ދެން ނިމިގެންދާނީ ހަމަ ގައިމު ވެސް ދިއްދޫ ފަޅު ހިއްކާފައި އެއާޕޯޓެއް އަޅައިދީފައި،" ޔާމީން ވިދާޅުވި އެވެ.

އެއަތޮޅު ހޯރަފުށީގައި އެއާޕޯޓެއް އެޅިއިރު، ދިއްދޫގައި އެއާޕޯޓެއް އަޅާފައި ނުވާތީ އެރަށު ރައްޔިތުން ވަނީ މީގެކުރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޔާމީންގެ ވާހަކަފުޅުގައި ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އެގޮތުން އެ ކުންފުނީގެ ހާލަތު ދުވަހެއް ދުވަހަކަށް އަންނަނީ ދަށްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް އަޅަމުން އަންނަ ކަމަށެވެ. ލެޓާ ހެޑްގައި އިންޑިއާ އައުޓް ޖަހާފައިވާ ސިޓީއެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަލައިނުގަތުމަކީ އެކަމުގެ ހެއްކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ހިތާމައަކީ ދެރަވަނީ ލަދުގަންނަނީ ލަދުވެތި ވަނީ އެމްޑީޕީގެ ރައީސް، ޑިމޮކްރަސީގެ ޗެމްލިއަން ކަމަށް ދައުވާ ކުރައްވާފައި މިއަދު އެސިޓީ ބަލައި ގަންނާކަށް ނުކެރުނޭ. އެއީ އިންޑިއާ އައުޓް ޖަހާފައި އޮތީމަ. ދެން ރައީސް ނަޝީދުގެ ބަހުން ނޫންތޯ މިވާހަކަ ދަންނަވަންވީ. ތިވަރަކަށް ނޫންތޯ ރައީސް ނަޝީދުގެ ނަގޫ ފިތޭނީ." ޔާމީން ވިދާޅުވި އެވެ.

އަމިއްލައަށް ނެލްސަން މަންޑޭލާ ހެދިގެން އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދައްކަވަން އޮތީ ކޮން ވާހަކައެއްތޯ ވިދާޅުވެ، އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް އިންޑިއާއަށް ބަރޯސާވެ އަމަލުކުރާ ގޮތުން ރާއްޖޭގެ މިނިވަން ކަމަށް އަސަރުކުރާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމަކީ ވެސް އެފަދަ ކަމެއް ކަމަށެވެ.

ޔާމީން ވިދާޅުވީ މިހާރު ދިވެހީންނަށް އޮތީ ކަޅުފޮއެ މޫސުމުގެ ރޭތަކެއް ކަމަށާއި ކަޅުފޮއެ މޫސުމަށް ނިމުން ގެންނަން ޖެހިފައިވާ ކަމަށެވެ.

"2023 ގައި ކަޅުފޮއެ މޫސުން ނިމުމަކަށް ގެންނަން އެބަޖެހޭ. އަބަދުވެސް ނާއުއްމީދުވާ ކަންކަން އަންނާނެ. މިއީ ފިތުރަތުގެ ތޮބީއަތު. ނަމަވެސް އަޒުމަކަށް ވާންވާނީ ވިންދުޖަހާހާ ހިނދަކު ނާއުއްމީދު އުއްމީދަށް ބަދަލު ކުރަން މަސައްކަތް ކުރުން،" ޔާމީން ވިދާޅުވި އެވެ.