ށ. މާއުނގޫދޫގައި ރޭ ރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ބަނޑަށް ވަޅިހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ، މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ރޭ ދަންވަރު 12:40 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވީ އުމުރުން 31 އަހަރުގެ މީހަކަށާއި، އުމުރުން 25 އަހަރުގެ މީހަކަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެ އެވެ.

ރޭގެ ވަގުތެއްގައި ހިނގި މިމާރާމާރީގައި ތިން މީހެއް ހިމެނޭކަމަށާ، ތިން މީހުންނަށް ވެސް އެހިވަރުގެ ހާނީއްކަވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި މާރާމާރީގައި އެކަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އަދި އެ މީހާއަށް މާއުނގޫދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މި މާރާމާރީގައި ހާނީއްކަވި އިތުރު މީހަކަށް މާއުނގޫދޫ ސިއްހީ މަރުކަޒުގައި ވެސް ވަނީ ފަރުވާ ދީފަ އެވެ.

މިމާރާމާރީ ހިނގީ ރޭ މެންދަމު 12:00 ހާއިރު އެވެ.