އަތޮޅުތަކުގައި ލެބޯޓްރީ ސާމަޕްތައް އުފުލަން 13 ލޯންޗު ގަތުމަށް ހެލްތު މިނިސްޓްރީން ގަލްފް ކްރާޓް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަސް އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ގަލްފު ކްރާޓުން މި 13 ލޯންޗު މިނިސްޓްރީއަށް އެއް އަހަރު ދުވަހު ތެރޭގައި ފޯރުކޮށްދެން ޖެހެ އެވެ. މި 13 ސްޕީޑް ބޯޓު ގަތުމަށް ޖުމްލަ 31 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ލޯންޗުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ. އަދި އިމަޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމަށް ވެސް މިލޯންޗުތައް ބޭނުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސްޕީޑް ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކު (އޭއައިއައިބީ)ގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް ކޯވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއާޑްނަސް ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، 13 ލޯންޗެއް ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު، ކުދި ރަށްރަށުގައި ބޭނުންކުރުމަށް 25 ބަގީ އެމްބިއުލާންސް ގެނައުމަށް ޗައިނާގެ ކުންފުންޏަކަށް ހެލްތު މިނިސްޓްރީން ވަނީ އޯޑަރު ދީފަ އެވެ.