ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ ރިޒާވު އެންމެ ބޮޑަށް ދަށްވެފައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ ރިޒާވުގައި މިހާރު ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވީ ރާއްޖޭގެ ރިޒާވު އެންމެ ބޮޑަށް ދަށްވެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 އަހަރު ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 32 މިލިއަން ޑޮލަރަށް ރާއްޖޭގެ ރިޒާވް ދަށްވި ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި 43 މިލިއަން ޑޮލަރަށް ރިޒާވް ދަށްވި ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑުގެ ދަތި އުނދަގޫ ހާލަތާއި އިގްތިސާދީ ގޮތުން ދިމާވި ދަތިތަކާއެކު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 110 މިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށެވެ

ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހާ ހަމަޔަށެވެ.

މީގެ އިތުރުން މެންބަރު އިސްމާއީލް ވިދާޅުވީ ރިޒާވްގައި ހުރި ފައިސާގެ މައުލޫމާތު ސަރުކާރުން މަޖިލީހާއި ހިއްސާކޮށްފައިވާ ކަމަށާއި އެއީ ސިއްރު އެއްޗެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު މިހާރު އާންމު ނުކުރަނީ އައިއެމްއެފްގެ އުސޫލަކަށް އައި ބަދަލާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ އެކަށީގެންވާ މިންވަރަށް ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރިޒާވާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.