އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށް މެމްބަރުން ގަޑުބަޑުކޮށްފައިވާ ކަމަށާއި އެގޮތަށް އޮތް ދަފްތަރަކަށް ބަލައިގެން ބާއްވާ ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އަދި އެ ސިޓީ އެމަނިކުފާނު ވަނީ ޓްވީޓާގައި އާންމުކުރައްވާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވަނީ އެ ޕާޓީގެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ދަފްތަރު ގަޑުބަޑުވީ އެ ޕާޓީގެ ވޯޓުލާ ދަފްތަރުން 40،000 ގާތަށް މެމްބަރުންނަށް އެންގުމަކާ ނުލައި ވަކިކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަކަށް އަޅުގަނޑު ގަބޫލުނުކުރަމެވެ،" ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު އާއްމުކުރެއްވި ސިޓީގައިވެ އެވެ.

"މި ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން 40 ޕަސެންޓް މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބަކީ 2023ގެ ރިޔާސީ އިންތިހާބުގައި މި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ."

ނަޝީދު އެދިވަޑައިގަތީ އެމްޑީޕީގެ ދަފްތަރުގެ ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭކަން ކަށަވަރުކޮށްދެއްވުމަށެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން ވަކިކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި އެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކުރިން ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އީސީގެ ދަފްތަރުގައި ނުހިމެނޭ އެމްޑީޕީގެ 39،911 މީހުންގެ ތެރޭގައި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީވެފައިވާ މެމްބަރުން ހިމެނޭ ކަމަށެވެ.

އެހެންވެ ގައުމީ މަޖިލީހުން އޭރު ނިންމީ އެމްޑީޕީގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވަގުތުން ސައްހަ ކުރުމަށެވެ. އެއާއެކު 39،000 މީހުންގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ މީހަކު ވަގުތުން ވަކިކުރުމަށެވެ.

އީސީގެ ދަފްތަރުގައި ނުހިމެނޭ މީހުން މީހުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް އޭރު ނިންމި އެވެ.

އެމްޑީޕީން އަމިއްލައަށް ޕާޓީގެ ދަފްތަރު ބަލަހައްޓަމުން އައިއިރު، 94،000 އަށް ވުރެ ގިނަ މެމްބަރުން އެޕާޓީގެ ރަޖިސްޓްރީގައި އޮތެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 58،175 މީހުންނެވެ.