ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޯލިޝަންގެ އިއްތިހާދު ދަމަހައްޓަން ގެންގުޅޭ ފޯމިއުލާއަކީ މާ ތާހިރު އެއްޗެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ގދ. މަޑަވެއްޔަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެމަނިފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ނަޝީދު ވިދާޅުވީ އިއްތިހާދެއް ހިފެހެއްޓުމަށް ކަމަށް އެ ވިދާޅުވާ ވާހަކަތަކަކީ އޭގެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށް އެ ވިދާޅުވާ ވާހަކަތަކަކީ އެމަނިކުފާނު ދަންނަ ރިވެތި ސިޔާސީ މަސައްކަތުގައި ހިމެނޭ ކަންތައްތަކެއް ނޫން ކަމަށެވެ.
"ވިޔަފާރީގެ އުސޫލުން އެވެނި އެއްޗެއް މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފައި މިވެނި ދައުލަތުގެ މުއްސަނދިކަމެއް މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފައި އޭގެ ބަދަލުގައި އެ ލީޑަރުގެ ޕާޓީ އަޅުގަނޑުމެނަށް ތާއިދުކުރާ ވިސްނުމެއް އޮތީމާ މި ދެއްވެނީ ކޮންމެވެސް ރަށެއްގެ ގޮނޑުދޮށުން ބައެއް. ނުވަތަ ކޮންމެވެސް އަތޮޅެއްގެ ރަށުން ބައެއް،" އެކަނިވެރިކަން ނުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވާ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަސައްވުރެއް ކޮންމެ އިންތިހާބެއްގެ ކެމްޕޭނަށް ވެސް ހުށަހަޅާ ކަމަށެވެ. އަދި އޭގެ ބޭނުމަކީ މިހާރު ރައްޔިތުންނަށް ލިބޭ އެއްޗަކަށް ވުރެ އިތުރު އެއްޗެއް މާދަމާ ލިބޭނެ ސިޔާސަތުތަކެއް ތަންފީޒު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ޖީބަށް ވަންނަ އެއްޗެއް އިތުރުކޮށް ހާސްކަމެއް ނެތި ރައްޔިތުން އުފާފާގަތި ކަމުގައި އުޅެވޭނެ ގޮތް ވުމަކީ އެމްޑީޕީގެ މަގުސަދު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ސިޔާސަތުތައް ފާއިތުވި ހަތަރު އަހަރު ތަންފީޒުވެގެން ނުދިޔަކަން ހިތާމައާއެކެ އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން އިސްކަން ދިނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބަދަލުގައި އިއްތިހާދެއް ހިފަހައްޓަންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ސިޔާސަތާ ހުރެ ރަށްރަށުގެ ތަރައްގީއަށް އިންތިހާއަށް ހުރަސް އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޑަވެލީގައި ނަރުދަމާ ގާއިމުކުރަން ވެސް އުޅޭތާ ހަތް އަހަރު ވެއްޖެ ކަމަށެވެ. އަދި ފާއިތުވި ހަަތަރު އަހަރުގެ ތެރޭގައި ނަރުދަމާ އަޅަން މަޑަވެއްޔަށް ތަކެތި ގެނައި ނަމަވެސް އެއަށް ވެސް ވީގޮތެއް މިހާރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ތާހިރު ދިރިއުޅުމެއް އުޅެން ހަދައިގެން ވީގޮތް އަދި ހަދާންނެތޭހާ ދުވަހެއް ނުވެއެވެ. އަނެއްކާ ތިޖަހާ މަޅިގަ ބެދިގެން އަނެއް ހަތްއަރު ތިބެންވީތޯއެވެ. ވިސްނުމެއްނެތި ކޮށްފި ކޮންމެ ކަމަކުން ގިސްލަމުންދެއޭ އުމުރަށް މުޅީން...! އަނެއްކާ އެނބުރި މަގުމަތީ ތިބެވޭކަށް ނެތެވެ.