މިވަގުތު އެމްޑީޕީން ނަގަމުންދާ ފޯރިގަނޑަކީ އެޕާޓީގެ އެތެރޭގެ ޕްރައިމަރީއަކަށް ކުރަމުންދާ ކެމްޕޭނެއްގެ ފޯރި އެވެ. ދެފަރާތުގައި ޕާޓީގެ މުހިންމު ދެލީޑަރުން ތިއްބަވައިގެން ކުރަމުންދާ ކެމްޕޭނުގައި ކޮންމެ ކެންޑިޑޭޓެއް ކޮންމެ ކެންޑިޑޭޓަކާ ދިމާޔަށް ކޮންމެ އެއްޗެކޭކީ ކަމުގައި ވިޔަސް ހަގީގަތުގައި އެއީ ޕާޓީން ބޭރު ބަޔަކާ ބެހެވޭނެ ކަމެއް ނޫނެވެ.
ސަބަބަކީ އެމްޑީޕީއަކީ އެމްޑީޕީ ކަމަށް ވެފައި އެތެރޭގެ އިންތިޚާބުގެ އަލިފާންގަނޑު ނިމުމުން އެ އަލިފާންގަނޑަށް ފެންޖަހަން އެމީހުންނަށް އެނގޭނެތީ އެވެ. އޭގެ މިސާލަކީ ދާދި ފަހުން އެޕާޓީގެ އެތެރޭގައި ބޭއްވި ޗެއާޕާސަންގެ ވޯޓެވެ.
ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ވަރަކަށް ދިމާކުރި ކަމުގައި ވިޔަސް އިންތިޚާބުނިމުމާ އެކު އެންމެ އިދިކޮޅު ދެބޭފުން ކަމުގައި ވާ ރައީސް ނަޝީދާއި ފައްޔާޒު ތިއްބެވީ އެކުގައި ކޭކު ފަޅުއްވަން ޕާޓީގެ ޖަގަހައިގަ އެވެ.
އެކުގައި ކޭކު ފަޅުއްވައި ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ރައީސް މުހައްމަދު ނަޝީދުގެ ތައުރީފު އޮހުނުތާ މާގިނަ ދުވަހެއް ނުވަނީސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ހިފާ ގަދަހިފުން ފެށިގެން ގޮސް މިހާރު މިވަނީ ނިމުމަކަށް އައިސްފަ އެވެ. މާދަމާ ނަގާ ވޯޓުން އެ ހިފުން އެއްކޮށް ނިމި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ތެރެއިން ގަދަވާ ބޭފުޅަކު އިސްވެ ހުންނަވައިގެން ދެބޭފުޅުން އެކުގައި ކޭކު ފެޅުން އޮންނާނެ އެވެ. އާންމު ގޮތެއްގައި އެޕާޓީގެ ކަންތައް ދާ އުސޫލުން ގޮސްފިނަމަ އެވެ.
ޕާޓީގެ އެތެރޭގެ ކެމްޕޭނަކަށް ވިޔަސް މިފަހަރުގެ ކެމްޕޭން ދެފަރާތުން ވެސް ގެންގޮސްފައި ވަނީ ވަރަށް ހޫނު ކޮށެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދިމާ ކުރައްވައި ޒާތީ ގޮތުން ވެސް ވަރަށް ޚައްސާސް ވާހަކަދެކެވިފައި އެބަހުއްޓެވެ. އެ ވާހަކަތަކަށް ބުރަވެ ކުރިޔަށް އޮތް ތަނުގައި އެމްޑީޕީ ބައިބައިވެގެން ދާނެކަމުގައި ބުނާ މީހުން ވެސް މަދެއް ނޫނެވެ.
ރައީސް ސޯލިހާ އެކު ނުހުންނަވާނެ ކަމުގައި ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ހަމަ އެފަދައިން ރައީސް ސޯލިހަކީ މާބޮޑު ވިޝަނެއް ވެސް ލީޑަޝިޕެއް ވެސް އިލްމެއް ވެސް ނެތް މީހެއްކަން ދޭހަ ވާގޮތަށް ވެސް ނަޝީދު ވަނީ ވާހަކަ ދައްކަވާފަ އެވެ. ރައީސް ސޯލިހު ވެސް ވަނީ ރައީސް ނަޝީދު ވެރިކަން ދޫކުރެއްވި ގޮތާމެދު ވެސް ޖޯކް ޖައްސަވާފަ އެވެ. އޭގެ އިތުރުން އެމްޑީޕީ ސަރުކާރުން ކުރި ގިނަ ކަންތަކެއްގެ ކްރެޑިޓު ނަންގަވަން ދެބޭފުޅުން ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
ކެމްޕޭނު ފޯރީގައި ދެލީޑަރުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ނިސްބަތް ކޮށް ދެއްކި ވާހަކަތައް ކެމްޕޭނާ ހަމައިން ނިމުމުގެ ފުރުސަތު ބޮޑެވެ. އެހެނަސް އެހާ ފަސޭހައިން ނިންމާ ނުލެވޭނެ ފަދަ ބޮޑެތި ވާހަކަ ވެސް ދެބޭފުޅުން ވެސް ކެމްޕޭނު ފޯރީގައި ދައްކަވާފައިވެ އެވެ.
ރަށްރަށުގެ ބަނދަރު ހެދުމާއި އެއާޕޯޓު ހެދުމާއި ރިސޯޓުތައް ހެދުންފަދަ ބޮޑެތި ވައުދުތައް ރައީސް ސޯލިހު ވެ ވަޑައިގަންނަވަމުން ގެންދެވީ ގިނަ މަޝްރޫއުތަކެއްގެ ރިބަން ވެސް ކަނޑުއަވަމުންވެ. ރައީސް ސޯލިހެކޭ އެއްފަދައިން ނަޝީދު ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ތަކެތީގެ އަގުހެޔޮކޮށް ދެއްވާނެ ވާހަކައާއި ރަށްރަށުގައި ރިސޯޓު ހައްދަވައިދެއްވާނެ ވާހަކަ ފަދަ ވާހަކަތައް ގެންދެވީ ތަކުރާރު ކުރައްވަމުންނެވެ. ހަގީގަތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ވެސް ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން ދެބޭފުޅުން ވެސް ގެންދެވީ ކުރައްވަމުންނެވެ. އެހެންކަމުން ރައްޔިތުންގެ ލޯ އެ ވައުދުތަކަށް ހުއްޓިފައިވާ މިންވަރު ބޮޑެވެ.
ހޮނިހިރު ދުވަހު ނަގާ ވޯޓާ އެކު އެމްޑީޕީގެ ޕްރައިމަރީ ނިމި ދެފަރާތް ސުލްހަވެ އެބަޔަކު އަނެއް ބަޔަކަށް ދިމާކުރި ކުރުން، ހަނދާން ނެތި ދިޔަކަމުގައި ވިޔަސް ކެމްޕޭނުގައި ރައްޔިތުންނަށް ވީ ވައުދުތަކުގެ ހަނދާންތައް ރައްޔިތުންގެ ހިތްތަކުގައި ދެމިގެންދާނެ އެވެ. އެ ވައުދުތަކަކީ ހަމަ އެކަނި އެމްޑީޕީގެ މެމްބަރުންނަށް ވީ ވައުދުތަކެއް ވެސް ނޫނެވެ. ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކާއި ވަކި ވަކި ޖަމާއަތްތަކަށް ވީ ވައުދު ކޮނޑުއަޅަން ޖެހޭނީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކަށެވެ. އެކެންޑިޑޭޓަކު ރައްޔިތުންނަށް ދަރާފައި އޮންނާނެ ދަރަނި ވަރަށް ބޮޑު ވާނެ އެވެ. އެހެންކަމުން ޕްރައިމަރީގައި ނަތީޖާ ކިރަން ގެންގުޅޭ އެމްޑީޕީގެ ތިލަފަތް ހަގީގަތުގައި ބަރުވެގެން ދާނީ ރައްޔިތުންގެ ކޮޅަކަށެވެ. ކޮންމެ ބޭފުޅަކަށް ޓިކެޓު ލިބި ވަޑައިގަތް ކަމުގައި ވިޔަސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަން ޖެހިވަޑައިގަންނަވާނެ އެވެ.
ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....