ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވޯޓުލާ މަރުކަޒުގައި އަވަގުރާނަ ގޮވި ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މޫކޭ އަވަގުރާނަ ގޮވީ އިސްކަންދަރު ސްކޫލް ތެރޭގައި ހުރެ އެވެ. އަދި ވޯޓުލުމަށް ގޮނޑީގައި އިނުމުން މީހަކު ވަނީ އޭނާ ގާތު، އޮޅުވާލައިގެން ވޯޓު ނުލެވޭނެ ކަމަށް ބުނެފަ އެވެ.

އެއާއެކު މޫކޭ "ރުޅިގަދަވެ" ގޮނޑިން ތެދުވާ މަންޒަރު ފެނެ އެވެ. އަދި އެ މީހާއާ ދިމާލަށް ގޮސް، އެ މީހާއާ ދިމާލަށް ހަޅޭލަވައި މަންޒަރާއި އަވަގުރާނަ ގޮވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ މޫކޭއަށް ފާޑުކިޔާފަ އެވެ.

އެގޮތުން ވެރިއެއްގެ ކިބައިން މިފަދަ ދަށުދަރަޖައިގެ އަމަލެއް ފެނުމަކީ ހިތާމަ ކުރަންޖެހޭނެ ކަމެއް ކަމަށް އާންމުން ބުނެފައިވެ އެވެ. އޭގެ އިތުރުން މޫކޭ ކަހަލަ މީހުން ރ. އަތޮޅަށް ނިސްބަތްވުމަކީ އެ އަތޮޅަށް އޮތް ލަދެއް ކަމަށް ވެސް އާންމުން ބުނެފައިވެ އެވެ.

އާންމުންގެ މީހަކަށް އަވަގުރާނަ ގޮވުމުން މޫކޭ ހަމައަކަށް އަޅުވަން ބަޔަކު މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި މޫކޭ ތާއީދު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމަނިކުފާނަށް ކެމްޕޭން ކޮށްދެއްވުމަށް މޫކޭ މަސައްކަތް ކޮށްފައިވެ އެވެ.