ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން 2009 ވަނަ އަހަރު ބޭއްވި ކޮންގްރެސްގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކުރައްވައި ވަރަށް މުހިންމު ވާހަކަފުޅެއް ރައީސް ނަޝީދު ދެއްކެވި އެވެ. އެމަނިކުފާނު ރައީސް މައުމޫނަށް އަމާޒުކުރެއްވި ސުވާލަކީ ކުރީގެ ރައީސެއްގެ ގޮތުގައި ރީތިކޮށް ގޭގައި ނުހުންނެވިގެން އުޅުއްވަނީ ކީއްވެތޯ އެވެ. މި ސުވާލު އެމަނިކުފާނު ރައީސް މައުމޫނާ ކުރިމަތި ކުރެއްވީ ސީޝެލްސްގެ ކުރީގެ ރައީސް ސާ ޖޭމްސް މެންކަމްގެ މިސާލު ދައްކަވަމުންނެވެ. އެވަގުތު މެންކަމް އެ ޖަލްސާގައި ހުންނެވި އެވެ.
މެންކަމްއަކީ ސީޝެލްސްގެ ކުރީގެ ރައީސެވެ. ސީސެލްސްއަކީ ޒަމާންތަކެއް ވަންދެން އިނގިރޭސީންގެ ކޮލޮނީއެއްގެ ގޮތުގައި އޮތް ގައުމެކެވެ. ގައުމުގައި ފުރަތަމަ މިނިވަންކަމުގެ ރޫހު އުފެދިގެން އައީ 1964 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރު ފްރާންސް އަލްބަޓް ރެނޭގެ ލީޑަޝިޕްގެ ދަށުން ސީޝެލްސް ޕީޕަލްސް ޔުނައިޓެޑް ޕާޓީ އުފަންވި އެވެ. އެއީ ގައުމުގައި ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީ އުފެއްދުމާއެކު ރެނޭގެ މަސައްކަތަކަށްވީ އިނގިރޭސިންގެ އަތްދަށުން ގައުމު މިނިވަންކުރުމުގެ ހަރަކާތެއް ފެށުމެވެ.
އިނގިރޭސީންނާ ދެކޮޅަށް ރެނޭ ފެށި މަސައްކަތް ކުރިޔަށް ދަނިކޮށް މެންކަމް ސީޝެލްސް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި އިނގިރޭސިންނާ ގާތް ގުޅުމެއް ބާއްވަން ތާއީދުކޮށް ކެމްޕޭނެއް ފެށި އެވެ. އޭނާގެ ޚިޔާލުވީ އިނގިރޭސީންނަށް ބަލައިގަނެވޭ ފަދަ ޚިޔާލަކަށެވެ. އެހެންކަމުން އިނގިރޭސީންގެ ބެލުމުގެ ދަށުން ނެގުނު އިންތިޚާބެއްގައި ވަރަށް ހަނި އަޣުލަބިއްޔަތަކުން ގައުމުގެ ޗީފް މިނިސްޓަރުކަމުގައި މެންކަމް އިސް ކުރެވުނެވެ.
ދުވަސްވަރަކީ އިނގިރޭސީންގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން އެ ގައުމުން ކޮލޮނީތަކާ ދުރަށް ޖެހެމުން ދިޔަ ދުވަސްވަރު ކަމުން މެންކަމްގެ އިނގިރޭސީންނާ ގުޅިގެން ގައުމު ހިންގުމުގެ ޚިޔާލަށް އިނގިރޭސި ސަރުކާރުން ދެމުން ގެންދިޔަ އެއްބާރުލުން ކުޑަވެގެން ދިޔައެވެ. އެހެން ކަމުން މެންކަމަށް މަޖުބޫރުވީ ރެނޭ އާއެކު ގައުމު މިނިވަންކުރުމުގެ ހަރަކާތުގައި ބައިވެރިވާށެވެ.
އިނގިރޭސީންގެ ބެލުމުގެ ދަށުން 1975 ވަނަ އަހަރު ރެނޭ އާއި މެންކަމްގެ ދެ ޕާޓީ ގުޅިގެން ކޯލިޝަނެއް އުފެއްދި އެވެ. މި އުފެއްދި ކޯލިޝަން ސަރުކާރުގެ ރައީސަކީ މެންކަމެވެ. ރެނޭ އަށް ލިބުނީ ބޮޑުވަޒީރުގެ މަގާމެވެ.
ގައުމުގެ ރައީސް ކަމުގެ މަގާމުގައި މެންކަމަށް ހުންނެވޭ ގޮތް ވީ އަހަރަކަށް ވުރެ ވެސް ކުޑަ ދުވަސް ކޮޅެއްގަ އެވެ. ކޮމަންވެލްތް ކޮންފަރެންސެއްގައި އިނގިރޭސި ވިލާތުގައި އޭނާ ހުންނަވަނިކޮށް ގައުމުގެ ބޮޑުވަޒީރު ގެނައި އިންގިލާބެއްގައި މެންކަމް ވެރިކަމުން ދުރު ކުރެވެނެވެ. އޭގެ ފަހުން ޒަމާންތަކެއް ވަންދެން މެންކަމަށް ޖެހިވަޑައިގެންނެވީ ގައުމުން ބޭރުގައި އުޅުއްވާށެވެ. މިދުވަސްވަރު ސީޝެލްސްގައި އޮތީ އެއް ޕާޓީގެ މައްޗަށް އޮތް ސޯޝަލިސްޓް ނިޒާމެއްގެ ވެރިކަމެކެވެ.
މެންކަމް ގައުމުން ބޭރުކުރެވުނުތާ 16 އަހަރު ފަހުން ރައީސް ރެނޭ ގައުމުގައި ގިނަ ޕާޓީތަކަށް ޖާގަ ދެއްވައި ސިޔާސީ ހަރަކާތްތަކަށް ގައުމު ހުޅުވައި ލެއްވުމުން މެންކަމް އަނބުރާ ގައުމަށް ވަޑައިގެން އޭނާގެ ޑިމޮކޮރެޓިކް ޕާޓީ ކޮޅަށް ޖެއްސެވި އެވެ. މިދުވަސް ކޮޅުގެ ތެރޭގައި ސީޝެލްސްގައި ސިޔާސީ 8 ޕާޓީ އުފެދުނެވެ. މި ހުރިހާ ޕާޓީތަކެއް ހިމެނޭ ގޮތަށް 1993 ވަނަ އަހަރު ޖުލައި މަހު ބޭއްވުނު ރިޔާސީ އިންތިޚާބުން މެންކަމް ބަލިވި އެވެ.
އިންޓަނޭޝަނަލް އޮބްޒާވަރުންނާއި ގައުމުގެ ސިޔާސީ ޕާޓީތަކުން ވެސް މިނިވަން އިންތިޚާބެއްކަމުގައި އެއްބަސްވެފައިވާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ރެނޭ އެވެ. އޭގެ ފަހުން 1998 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ވެސް މެންކަމް ނާކާމިޔާބުވިއިރު ވޯޓް ދިން މީހުންގެ 61.7 ޕަސެންޓް ވޯޓް ރައީސް ރެނޭ ލިބި ވަޑައިގެންނެވި އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު ސީޝެލްސްގައި ބޭއްވުނު އިންތިޚާބުން ވެސް ކާމިޔާބު ހޯއްދެވީ ރައީސް ރެނޭ އެވެ. މި އިންތިޚާބާ ހަމަޔަށް އައިއިރު ގައުމުގައި ވަނީ މެންކަމްގެ ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓް ވަރަށް ކުޑަވެފަ އެވެ. އެހެންކަމުން 2003 ވަނަ އަހަރުގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު ބައިވެރިވެފައެއް ނުވެ އެވެ.
ސީޝެލްސްގެ ސިޔާސީ މައިދާނުން ޖާގައެއް ލިބިވަޑައިނުގެން އުމުރު ދުއްވާލަން ޖެހިވަޑައިގެންނެވި މެންކަމް ގާތު 2009 ވަނަ އަހަރު ރައީސް ނަޝީދު ސުވާލު ކުރެއްވިކަމަށް ވަނީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމުގެ ބަދަލުގައި ކުރީގެ ރައީސްގެ ގޮތުގައި ހުންނަވަން ނިންމެވީ ކީއްވެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި މެންކަމް ވިދާޅުވިކަމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ވާހަކަ ކިޔާދެއްވަން މެންކަމަށް މުޅި އެއް ދުވަސް ބޭނުންވާނެ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ބަލިވެވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ޖެހިޖެހިގެން 3 އިންތިޚާބުން ނާކާމިޔާބާ ކުރިމަތި ވެވަޑައިގެންފަ އެވެ.
ސީޝެލްގެ ކުރީގެ ރައީސް މެންކަމްއާ އެއް ދަރަޖައަކަށް ނަޝީދަށް ވެސް މިވަނީ ވާސިލުވެފަ އެވެ. އެހެންކަމުން އެމަނިކުފާނު ރައީސް މައުމޫނާ ކުރިމަތިކުރެއްވި ސުވާލު އަމިއްލަ ނަފުސާ ކޮށްލައްވަންވީ ވަގުތު މިވަނީ ޖެހިފަ އެވެ. ކުރީގެ ރައީސްގެ ގޮތުގައި ގޭގައި މަޑުކޮށްލެއްވުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅު ހަނދާން އާކުރައްވައިގެން ނަމަވެސް އެކަން ކުރައްވަންވީ ވަގުތު ޖެހިއްޖެކަމަށް ފެނެ އެވެ.