ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގަ އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި މެދު ޕާޓީގެ ވަކި ބަޔަކު ހިތްހަމަނުޖެހުން ހުއްޓަސް ޕާޓީގެ މެމްބަރުން ހޮވީ ރައީސް ސޯލިހު ކަމަށެވެ. އެހެންވީމާ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ޕާޓީ އެކަނި ނިކުމެގެން ވިޔަސް އަދި އެހެން ޕާޓީތަކަކާއެކު ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ވެސް ރައީސް ސޯލިހުއަށް އިންތިހާބު ކާމިޔާބު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ދިނުމަށް ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފައިވާއިރު، އެ ޖަލްސާއަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެއްވެސް މެމްބަރަކު ވަޑައިގެންފައެއް ނުވެ އެވެ. ރައީސް ނަޝިދުގެ ފެކްޝަނުން ވަނީ ރޭގެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.
ރައީސް ނަޝީދުގެ އިސްބޭފުޅަކު ވަނީ އެމްޑީޕީން މިދިޔަ މަހު 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީ ބާތިލްކޮށް ދިނުމަށާއި ރިޔާސީ ޓިކެޓް ރައީސް ސޯލިހު އަށް އެރުވުމަށް ބާއްވާ ޖަލްސާ ހުއްޓުވުމަށް އެދި ކޯޓަށް ހުށަހަޅާފަ އެވެ.