ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް މޯލްޑީވްސް ނޭޝަނަލް ޕާޓީ (އެމްްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އދ. ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

އެމްއެންޕީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެއްވެސް މީހަކު ޖަލަށް ލާކަށް އެދިވަޑައި ނުގަންނަވާ ކަމަށް. އެމަނިކުފާނު ޖަލުގައި އޮންނެވި އިރު ކުރެއްވި އިހުސާސްތައް ޔާމީނަށާއި އެމަނިކުފާނުގެ އާއިލާ އިހުސާސްކުރަން ބޭނުންފުޅު ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޖަލުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ރާއީސް ޔާމީނާށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށާ އެމަނިކުފާނަކީ ޖަލުގައި އޮންނަން ޖެހޭ ބޭފުޅެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލާގައި ފެންނަނީ ވަކި މީހަކަށް އަމާޒުވެގެން މައްސަލަ ތަހުގީގު ކުރާ މަންޒަރު ކަމަށާ ތަހުގީގު ފުރިހަމަ ނުވާ އިރު، ހަމައެކަނި ޔާމީނަށް އަދަބު ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ނާޒިމް ވިދާޅުވި އިރު އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނާޒިމްގެ ނަން ވެސް ހިމެނެ އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ޖަލަށް ލެއްވި އިރު އެކުރެވުނު ހިތި އިހުސާސްތައް އަދިވެސް ނުފިލާ ކަމަށާ ޖަލުގައި އޭސީ ކޮޓަރިއެއްގައި އޮންނަން ޖެހުނަސް ދެ ދުވަހެއް ތެރޭގައި ނިކަމެތިކަން އިހުސާސް ކުރެވެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަން ޖެހޭ ކަމަށާއި އެމްއެންޕީން ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުން ދަނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

ނާޒިމް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވަރަށް ގިނަ ދުވަހު ޖަލުގައި އޮންނެވި ބޭފުޅެކެވެ.

މްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.