ރައްޔިތުން ބޭނުންވާ އަމާޒަށް ދެވޭނީ ޒާތީ ތައްސަބުން އެއްކިބާވެ ތިބެ، އެކުގައި ކުރިއަށް ގޮސްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ދިވެހީން މީގެ ކުރިން ބަދަލެއް ބޭނުންވީ އެތައް ބޭއިންސާފެއް އަދި އެތައް އަނިޔާއެއް ދިވެހީން ތަހައްމަލް ކުރަން ޖެހުމުން ކަމަށެވެ. އަދި އެމްޑީޕީ ނުކުތީ އެކަންކަން ހައްލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޭރުގެ ހާލަތު އޮތީ އެކަކަށް ބަދަލު ކުރެވޭ ހާލަތެއް ގައި ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އޭރު އޮތް އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ފުރަތަމަ ނިކުތް އިރުވެސް އެކަމުގައި އޮތް ބިރުވެރިކަން އެނގޭނެ ކަމަށެވެ. އަދި ޖަލަށްލުމާއ މުދާ ތައް ނިގުޅައިގަނެ،، އެތައް އަނިޔާއެއް ތަހައްމަލް ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ އެމްޑީޕީން ފެށި ކަމަކީ ޒަމާނުއްސުރެ އޮތް ވެރިކަން ބަދަލުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ތާހިރު ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. އަދި 2008 ގައި މިކަން ހަގީގަތަކަށް ހަދަން އުންމީދެއް ލިބުނު ކަމަށާއި އެކަން ބީވެގެން ދިޔައީ އަނިޔާވެރިކަން އެ އުންމީދުތަކަށް ގަދަވެގެން ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މިއަދުވެސް ހަގީގަތަކީ މި އުންމީދުގެ ހުޅުކޮޅު ނިއްވައިލާން ބަޔަކު ބަލަބަލާ ތިބުން ކަމަށެވެ. އަދި ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭން ބަޔަކު އެ ހާލަތު ހަނދާން ނެތި ތިބިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެ އުނދަގޫ މަރުުހަލާ ނިމިއްޖެ ކަމަށާއި އޭރު އިސްލާހީ މަސައްކަތުގައި ނިކުތް ޒުވާނުން މިހާރު ތިބީ ހަރު އުމުރުގައި ކަމަށާ އަލުން އެ އަނިޔާވެރިކަން އިޔާދަވާން ނޭދޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެ މީހުން އެދެނީ އެކުރި މަސައްކަތް އެ ނަތީޖާ ދާއިމަށް ދެމިގެންދާނެ ގޮތަކަށް އެމްޑީޕީން ކަށަވަރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބެނުންވާ އަމާޒަށް ދެވޭނީ ޒާތީ ތައްސަބުން އެއްކިބާވެ ތިބެ އެކުގައި ކުރިއަށް ގޮސްގެން ކަމަށެވެސް ފައްޔާޒު ވިދާޅުވި އެވެ. ބުރަ މަސައްކަތުން އެމްޑީޕީން މިހޯދި މިނިވަންކަމާ އިންސާފު ބީވެގެން ނުދިއުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިކަން ކުރެވޭނީ ވެސް ހަމަ އެކަނި އެމްޑީޕީ އަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ އަތްމައްޗަށް ވެރިކަން ފުރޮޅާލި ޕާޓީ ކަމަށާ އެންމެންގެ ވެސް މުސްތަގުބަލް އޮތީ އެމްޑީޕީގައި ކަމަށެވެ.