އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ގެންގުޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާއިފި އެވެ.
އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ އެމްޑީޕީން 2008، 2013 އަދި 2018 ވަނަ އަހަރު އެކުލަވާލައި އާންމުކުރި ސިޔާސަތުތަކާއި ގާނޫނު ހަދާ މަޖިލީހުގެ ގާނޫނީ އިސްލާހީ އެޖެންޑާތަކާއި ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގައި ބޭނުން ކުރައްވަމުން އައި ޕާޓީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާ އިދިކޮޅަށް ސަރުކާރުގެ ސިޔާސަތުތައް ގެންގުޅޭ ކަމަށެވެ.
ވައްޑޭ ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލާ އެއްގޮތަށް އެމްޑީޕީން މެނިފެސްޓޯ އެއް އެކުލަވާލާފައިވާ ކަަމަށެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައި އޮންނަކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާވެސް އެ މެނިފެސްޓޯއަށް އަމަލު ކުރުމަކީ ވަރަށް އަސާސީ ކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން އަމަލުތައް ގެންގުޅެނީ އެމްޑީޕީގެ މެނިފެސްޓޯއާއި ދިމާ އިދިކޮޅަށް ކަމަށެވެސް ވައްޑެގެ ގަރާރުގައި ބުނެފައި ވެއެވެ.
އަތް ފޯރާ ފަށަށް ރައްޔިތުންގެ ހާލަތު ގެނައުމާ ބޯހިޔާ ވަހިކަމާ އާމްދަނީ މަތިކުރުމަށް ފަތުރުވެރިކަމަާ މަސްވެރިކަމުގެ ވިޔަފާރިތައް ފުޅާ ކުރުމަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯއާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަށް އެގަރާރުގައި ވަނީ ގޮވާލާފައި އެވެ.