ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އަށް ތާއިދުކޮށްދެއްވުމަށް އެދި ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކަށް އެމަނިކުފާނު ސިޓީފުޅެއް ފޮނުއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން މިރޭ ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އަށް ތާއިދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމައިފަ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުހަބާއާއި ޝުކުރުދަންނަވާ ކަމަށެވެ. ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އަޅުގަނޑުމެން އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުމަށް އެދިލައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ އިތުރުން އަދާލަތުގެ މި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ވެސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

ފައްޔާޒު ވިދާޅުވީ ޢަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީގެ ފަރާތުން ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ކުރިމަތިކުރުވި ބޮޑެތި ގޮންޖެހުންތަކާ ފުރައްސާރަތަކާއެކު ވެސް، ސާބިތުކަމާއެކު މި ޕާޓީ އާއި ސަރުކާރާ އެކު މި ވޭތުވެދިޔަތާ ގައުމުގެ ހެވާއި ލާބައަށް ތިއްބެވީތީ ޝުކުރުދަންނަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓީތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަށް ތާއިދު ކޮށްދެއްވުމަށް އެދި ސިޓީފުޅެއް ފޮނުވާފައިވާއިރު އަދާލަތު ޕާޓީ ނޫން އެހެން ޕާޓީއަކުން އަދި ގޮތެއް ނުނިންމަ އެވެ.

ޖުމްހޫރީ ޕާޓީން މިކަމާ މެދު ގޮތެއް ނިންމާނީ މި ހަފްތާ ބަންދުގައި އެޕާޓީން ބައްވާ ކޮންގްރެސްގައި ހޮވާ ކައުންސިލް އިން އެވެ. މިހާރު ވެސް ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރު އެމް އިން ވެސް އަދި މިކަމުގައި ގޮތެއް ނުނިންމަ އެވެ.