ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑުޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމަށް ގޮތެއް ނިންމާނީ ރައީސް ސޯލިހުއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އަށް ތާއިދުކޮށް ކޯލިޝަން ހެދުމަށް އެދިވަޑައިގެން އެމަނިކުފަނު ވަނީ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ދައުވަތު ދެއްވާ ހާއްސަ ސިޓީ ފުޅެއް ފޮނުއްވައިފަ އެވެ.

ރައީސްގެ އެ ސިޓީފުޅުގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއިދުކޮށް ކޯލިޝަން ސަރުކާރެއް ގެނައުމަށެވެ.

ރައީސްގެ އެ އެދިލެއްވުމަށް އަދި ގޮތެއް ކަނޑައަޅާ ރައީސް ސޯލިހު އަށް ތާއިދު ކުރުމަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އިން އެކަންޏެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ހިމެނެނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް އެވެ.

އެމްއާރުއެމް އަދި ޖޭޕީ އިން ވެސް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްއާރުއެމް އިން ބުނީ ރައީސްގެ އެދިލެއްވުމަށް އަދި ގޮތެއް ނުނިންމާކަމަށާއި އެކަމަށް ގޮތެއް ނިންމާނީ އެމްއާރުއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގަތުމުން ކަމަށެވެ. މިވަގުތު ރައީސް މައުމޫން ހުންނެވީ އަމިއްލަފުޅު ދަތުރެއްގައި ސިންގަޕޫރުގަ އެވެ.

އެމްއާރުއެމްއިން ބުނީ ވަކި ގޮތެއް ނިންމާނީ މި ސަރުކާރުގައި ކުރި ތަޖުރިބާތަކަށް ބަލާ ރައީސް ސޯލިހުއާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބާ ކުރިއަށް އޮތްތަނުގައި އެމްއާރުއެމްގެ ދައުރާއި ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް އެމްއާރުއެމް އިން ބުނެއެވެ.

ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން، ރައީސް ސޯލިހުއާ އެކު ބައްދަލުވުން ބޭއްވުމަށް ރައީސް މައުމޫނަށް ފަސޭހަފުޅު ވަގުތެއް މި ޕާޓީން އެމަނިކުފާނާއި ހިއްސާ ކުރާނެ ވާހަކަ ދަންނަވާ މިޕާޓީން މިހާރު ވާނީ ޖަވާބު ފޮނުވާފައި ކަމަށް ވެސް އެމްއާރުއެމްއިން ބުނެއެވެ.

އަދާލަތު ޕާޓީ އިން ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމާފައި ވާއިރު، މިކަމާމެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމާނީ އެ ޕާޓިން މިއަދު ފެށި ކޮންގްރެސްގައި ހޮވާ ކައުންސިލްގެ ބައްދަލުވުމަށް ފަހު އެވެ.