ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ޖުމްހޫރީ ޕާޓީ ވެސް އަދި އެމްއާރުއެމް ވެސް ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫއަށް އެމަނިކުފަނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަން ދެކޮޅު ހެއްދެވި ބޭފުޅުން ވެސް މިހާރު ދައްކަވަނީ އަދި މަސައްކަތް ވެސް ކުރައްވަނީ ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އަންނަން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއަކީ ކޯލިޝަނެއް ހަދައިގެން ވާދަކުރުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

މިހާރު ކޯލިޝަންގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވާ ކަމަށާއި ކޯލިޝަނަކާ ނުލާ އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތައް ގޮތް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިސްނުންތެރިކަމާއެކު ގޮތް ނިންމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ޖޭޕީ އާއި އެމްއާރުއެމް ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޯލިޝަންގައި މިވަގުތު ތިބި ހުރިހާ ޕާޓީތަކަށް އަޅުގަނޑު ވާނީ ދައުވަތު ދީފައި. އިރާދަކުރެއްވިއްޔާ މިކަމުގެ ރަނގަޅު ނަތީޖާއެއް ވަރަށް އަވަހަށް ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މިހާރު ސަރުކާރުގައި ތިބި ޕާޓީތަކަށް ދައުވަތު ދީފައިވީ ނަމަވެސް، މިހާތަނަށް ރައީސް ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަނީ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދައި، އިންތިހާބުގައި ވާދަކުރުމަށް ޖޭޕީގެ 4 ވަނަ ކޮންގްރެސްގައި ނިންމައިފަ އެވެ. އަދި އެމްއާރުއެމްއިން މިކަމާމެދު ވަކި ގޮތެއް ނިންމާފައި އެއް ނުވެ އެވެ.