އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ޕާޓީގެ އިހްތިސާސް ނެތް ކަމަށް އެމްޑީޕީން ކޯޓުގައި ބުނުމުން ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރުމުން ޕްރައިމަރީ ސައްހަ ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ޢަލީ އަމްޖަދު ކިޔާ މީހެކެވެ.

ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ، ޕާޓީގެ މެންބަރުން މެމްބަރު ކަމުން ވަކިކުރުމަކީ، އެ މެންބަރަކާމެދު އެޅޭ ފިޔަވަޅެއްކަން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާއިރު، އެޕާޓީން 39،000 މެންބަރުން ވަކިކޮށްފައިވަނީ އިޖްރާއަތްތައް ފުރިހަމަ ނުކޮށްކަމަށެވެ. އެހެންވީމާ އެމެންބަރުންގެ ވޯޓުދިނުމުގެ ހައްގު ގެއްލޭ ކަމަށެވެ. އަދި ޕްރައިމަރީ ސައްހަ ނޫންކަމަށް ކަނޑައަޅައި، އަލުން ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީގެ މައްޗަށް ޢަމުރުކޮށްދިނުމަށް އޭނާ އެދިފައިވެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުގައި މިއަދަށް ތައާވަލުކޮށްފައިވަނީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމުގައި ގޮތެއް ނިންމުމެވެ.

އެމްޑީޕީން ވަނީ އިހްތިސާސްއާމެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލަ ހުށައަޅާފައެވެ. އަދި އެކަމަށް ޖަވާބުދިނުމަށް 10 ދުވަސް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތަށް ސިވިލް ކޯޓުން ވަނީ ދީފައި އެވެ.

މަދަނީ އިގުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގައި މައްސަލަ ނުބެލޭނެކަމަށް ބުނެ އިހްތިސާސްއާއި މެދު ސުވާލު އުފައްދައިފިނަމަ، އެކަމަކަށް ދަޢުވާ ކުރާ ފަރާތުން ޖަވާބުދާރީ ވާންޖެހޭނެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައި ވަނީ ޖެނުއަރީ މަހުގެ 28ގައި އެވެ.ޕްރައިމަރީގައި ރައީސް ސޯލިހަށް ޕްރައިމަރީގައި ވޯޓުލީ މެންބަރުންގެ 61 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.