ޖުމްހޫރީ ޕާޓީގެ ބޭފުޅުން ސަރުކާރުން އިސްތިއުފާ ނުދޭ ނަމަ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް "ކަންބަޅި ކަތިލާ" ހެން ފަހަރަކު ބޭފުޅަކު މަގާމުން ވަކިކުރާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އިންޒާރު ދެއްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީ އިން ވަކިން ވާދަ ކުރުމަށް ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފައި އެވެ. ޖޭޕީ އިން މިގޮތަށް ނިންމި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ތާއިދުކުރައްވާ އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު ވަނީ ޖޭޕީ ހިމެނޭހެން މިހާރު ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީއަކަށް ދައުވަތު ދެއްވާ ސިޓީފުޅެއް ފޮނުއްވާފަ އެވެ.

ޖޭޕީގެ އެ ނިންމުމާމެދު ހިތްހަަމަނުޖެހިގެން ރައީސް ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ވަނީ މިހާރު ސަރުކާރު މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވުމަށާ މަގާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރަގެ މެމްބަރު ރާއީ ވަނީ ވަރަށް ހަޑި ހުތުރު ބަހުން ޖޭޕީގެ މެމްބަރުންނާ ވާހަކަ ދައްކަވައިފަ އެވެ. އަދި މިހާރު ސަރުކާރުގެ މަގަމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށާ އަދި އިސްތިއުފާ ނުދެއްވައިފި ނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް މަޖިލީހަށް އެބޭފުޅުން ހާޒިރުކޮށް ކަންބަޅި ކަތިލާހެން މަގާމުތަކުން ވަކިކުރާނެ ކަމަށް ބުނެ ރާއީ ވަނީ ޖޭޕީގެ ބޭފުޅުންނަށް އިންޒާރު ދެއްވާފައި އެވެ.

"ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް ގެނެސް ފަހަރަކު މީހަކު، ކަންބަޅި ކަތިލާ އުސޫލުން، ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ،" ޖޭޕީގެ ބޭފުޅުންނަށް އިޝާރާތްކުރައްވައި ރާއީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މިނިންމުމާއި މެދު ސަރުކާރުން މިއަދު ބުނެފައި ވަނީ ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދިއުމަށް ދަތިވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ ހަލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ސޯލިހް ޕާޓީގެ ލީޑާޝިޕާއި ގާސިމްއާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މި ނިންމުމަށް ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ރިޔާސީ އިންތިހާބުގައި ޖޭޕީއާއެކު މަސައްކަތް ކުރުމަށް ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅުން ވިދާޅުވި އެވެ.