ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާތީ، ކޯލިޝަން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް ސޯލިހު މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު މުލިއާގޭގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ މެމްބަރަކު ނަން ހާމަނުކުރުމަށް އެދި "ހުރިހާ" އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީ ދެން ކަންތައް ކުރާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުގައި ތިއްބެވި ޖޭޕީގެ ވަޒީރުންނާމެދު ވަކި ގޮތަކަށް އަމަލުކުރައްވަން ރައީސް ނިންމަވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަކިން ވާދަކުރުމަށް ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ގެންދަވަނީ މި ސަރުކާރުގައި ތިބި ޖޭޕީގެ ވަޒީރުން ވަކިކުރުމަށް ގޮވާލަމުންނެވެ.
ޖޭޕީން ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު، ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.
އެ ނިންމުމާމެދު ހިތްހަަމަނުޖެހިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ޖޭޕީގެ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އެ ބޭފުޅުން ވަކިކުރަން ވެސް ގޮވާލައްވައިފަ އެވެ.