ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު އާއި އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ކެމްޕެއިން ހަރަކާތްތައް އަންނަ ހަފްތާތެރޭ ފެށިގެންދާނެ ކަމަށް އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު އަދާލަތު ޕާޓީ އާއި އެމްޑީއެމްއާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހު އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު މި ބޭއްވި ބައްދަލުވުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭ ނިކުމެ މި އިންތިހާބު ކާމިޔާބުކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި މިފަދަ މަޝްވަރާތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދޅާުވީ މެނިފެސްޓޯ ހަދާނެ ގޮތާ ކެމްޕެއިނުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މިމަޝްވަރާތަކުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ތިން ޕާޓީއެކުގައި ނިކުމެ ތިބީ އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ވަރުގަދައަށް އަޒުމެއް ކަނޑައަޅައިގެން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިއަންނަ ހަފްތާ ތެރޭގައި ކެމްޕޭން މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި މިއަދާ ހަމައަށް އައިއިރު އެންމެ ކުރީގައި މިތިބީ ރައީސް ސޯލިހު އާއެކު ތިއްބެވި ޕާޓީތައް ކަމަށެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޕާޓީތަކާއެކު އިތުރު ޕާޓީތަކެއް ކޯލިޝަން ހަދަފައި ނެތް ކަމަށާ އެހެން ނަމަވެސް ރައީސް ސޯލިހާއެކު ދެ ޕާޓީ ކޯލިޝަން ހަދާފައި އެބައޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއަންނަ ހަފްތާ ތެރޭގައި އަޅުގަނޑުމެންގެ ކެމްޕެއިންގެ މަސައްކަތްތައް ފެނިގެންދާނެ، މިއަދާއި ހަމައަށް އައިއިރުގައި މި އިންތިހާބުގެ އެންމެ ކުރީގަ މިތިބީ އަޅުގަނޑުމެން އެހެން ބޭފުޅުން އަދި ވަކިން ވާދަ ކުރާ ވާހަކަ ދައްކަނީ އެބޭފުޅުން އަތުގައި އަދި ކޯލިޝަނެއް ނެތް. އެއްކޮށް ކުރިއަށްދާނެ ބައެއް ނެތް ރައީސް އާއެކު ވަރަށް ސާފުކޮށް ދެ ޕާޓީ އެބައޮތް އަޅުގަނޑުމެން މިހާރު ވެސް މިތިބީ ބޮޑުތަނުން ކުރީގައި،" އިމްރާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއީދުކޮށް ކޯލިޝަން ހެދުމަށް މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެމަނިކުފަނު ދައުވަތު ދެއްވި ނަމަވެސް އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީއަކުން ކޯލިޝަން ހެދުމަކަށް ނުނިންމަ އެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ނިންމާފައި ވަނީ ވަކިން ވާދަ ކުރުމަށެވެ. އަދި އެމްއާރުއެމް އިން ވަކި ގޮތެއް ނުނިންމަ އެވެ.