ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާގައި ހިމެނޭ 52 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވިދާޅުވީ އާރަށުގެ މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން އަމުރުކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ނިމުނު ފަހުން އެ ގަޒިއްޔާގެ ދަށުން އަމުރެއް ނެރުމަކީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކުށެއްކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އެ މައްސަލައިގެ ހުކުމް ކުރާއިރު ކަމަށެވެ. ދައުލަތަށް މުދަލާ ފައިސާ ނަގާނަމަ ކުށް ސާބިތުވުމުން ކުރާ ހުކުމްގައި އެކަން ހިމެނުމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންނެވި އެވެ.

52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ނެރު އަމުރު ބާތިލްކޮށް ދިނުމަށް ވަކީލުން ވަނީ އެދިވަޑައިގެންފައި އެވެ. އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އަސްލު މައްސަލާގެ ހުކުމުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގެ ފަހުން މިފަދަ އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އަދި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ޖެހޭނީ ކޮންމެހެން މައްސަލާގެ ހުކުމުގެ ތެރެއިން ނޫން ކަމަށާ ހުކުމުގެ ފަހުން ވެސް އެފަދަ ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވިދާނެ ކަމަށެވެ. އަދި އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލާގައި މިއަދު ބާއްވާފައި ވަނީ ފުރަތަމަ އަޑުއެހުމެވެ އަދި އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.