ރާއްޖޭގެ އިޖުތިމާއީ އިގްތިސާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއާމަން، ޑަން ބޮކިން މިއަދު ރައީސް އޮފީހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ.

އެ ބައްދަލުވުމުގައި ފައިސަލާއި ސީއައިޑީސީއޭގެ ވައިސް ޗެއާމަން ވަނީ ރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި ފާއިތުވެ ދިޔަ ތަނުގައި، ދެ ގައުމުގެ ގުޅުން ބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ސިއްހީ ހިދުމަތްތަކާއި އުމުރާނީ ތަރައްގީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، އެނޫން ވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ހާއްސަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ފައިސަލު ފާހަގަކުރެއްވި އެވެ.

ވައިސް ޗެއާމަންގެ ބައްދަލުވުން ނިންމަވާލެއްވީ، ރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިޔަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.