ކުރީގެ ރައީސް ޔާމީން ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އެ މައްސަލަގައި މިމަހުގެ 11 ވަނަ ދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެ އަމުރު ބާތިލް ކޮށްފަ އެވެ.

އެމައްސަލަ މިހާރު ވަނީ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާ މަރުހަލާ ވެސް ފަހަނަ އަޅާ ގޮސްފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެއަމުރު ބާތިލް ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅިޔަސް 11 އަހަރަށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ ހައިކޯޓުގައި ކުރިއަށް ދާއިރު އެކަންކަން ދައުލަތުން ފާހަގަ ކުރާނެ ކަމަށެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެއީ އިޖުރާއީ އައިބެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އޮތީ ދައުލަތުން އެބުނާ އިޖުރާއީ އައިބެއްގެ ގޮތުގައި ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ރައީށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ހައިކޯޓުން ނިންމާފައި ވަނީ މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން ފަހުން ކުރާ އަމުރަކުން އެ ފައިސާ ދައްކަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފައިސާ ދައްކަން އަމުރު ނެރެފައި ވަނީ ހުކުމް ކުރިތާ ދެ މަސްފަހުންނެވެ. އެހެންވެ އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.