ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޕިއެމްއިން ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އެ މައްސަލަގައި މިމަހުގެ 11 ވަނަ ދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެ އަމުރު ބާތިލް ކޮށްފަ އެވެ.

އަދި އެމައްސަލަ ސްޕރީމް ކޯޓަށް ދައުލަތުން ހުށަނާޅާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައި އެވެ.

ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން މިއަދު ވަނީ ޕީޖީ ހުސައިން ޝަމީމް އާއި ބައްދަލުކުރައްވާފައި އެވެ.

އެ ބައްދަލުވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްސަލަ އަނބުރާ ގެންދާ ކަމަށެވެ. އެހެންވެ ޔާމީންގެ މައްސަލަވެސް އަނބުރާ ގެންދަން ޖެހޭނެ ކަމަށާއި އެއީވެސް އެއް ބާވަތެއްގެ މައްސަލަ ކަމަށް ޕީޖީ އަށް ދެންނެވި ކަމަށަ އަދުރޭ ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާވެސް މިދިޔަ ހަފްތާ ޕީޖީ އިން ވަނީ އަނބުރާ ގެންގޮސްފައި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ހިމެނޭ ބައެއް މީހުންގެ މައްސަލަތައް އަނބުރާ ޕީޖީ އިން ގެންދެވި ގޮތަށް ޔާމީންގެ މައްސަލަވެސް ގެންދަވަން ޕީޖީ އަރިހުގައި ދެންނެވި ކަމަށެވެ.

އަދި ވަކި ބޭފުޅަކަށް އަދަބު ދީފައި އަނެއް ބޭފުޅަކަށް ލުއި ދީގެން ނުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޖީ ހުސައިން ޝަމީމާ އެކު ބޭއްވެވި ބައްދަލުވުމުން ރައީސް ޔާމީން މައްސަލާގައި ގޯސްތަކެއް ހަދާފައިވާ ކަަން ފަހަގަކުރެވޭ ކަމަށެވެ.

ރިޝްވަތުގެ ކުށް ސާބިތުވުމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ. އަދި މި މައްސަލަ ހައިކޯޓުން ބާތިލުކޮށްފި ނަމަ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.