ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދެވި ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީ ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަން ޔަގީންކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަންކަމުގައި ވެސް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ލިބެމުން އަންނަ ކުރިއެރުންތަކަކީ ކޮބައިކަން އަދުރޭ ހާމައެއް ނުކުރެ އެވެ.

ރައީސް ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށާ އެހެން ކެންޑިޑޭޓެއް ނެރެން ވާހަކަ ދައްކަން ނުޖެހޭ ކަމަށް މީގެ ކުރިން ވެސް އަދުރޭ ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވުމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ދިނުމަށް ޕީޕީއެމް ތެރޭގައި ބައެއް މެމްބަރުން ކެމްޕެއިން ކޮށްފައިވެ އެވެ. އަދި އެ މައްސަލަ ޕީޕީއެމްގެ ކަމާ ގުޅޭ ކޮމިޓީތަކުން ދަނީ ބަލަމުންނެވެ.

ޑރ. މުއިއްޒު އަށް ކެމްޕެއިން ކުރާ ކަމަށް ބުނެ ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް އަށް ފިޔަވަޅު އެޅުމަށް ކޮމެޓީއަށް ފޮނުވާފައިވަނިކޮށް އޭނާ ވަނީ ޕީޕީއެމްއިން ވަކިވެފައި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.