ކ. ތިލަފުއްޓާއި ގުޅިފަޅު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އަދި ފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއްގެ ވެރިފަރާތް ހޯދަން ދެންނެވުން އާބަންކޯއިން އަންގައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ ތިލަފުށި ފަޅުތެރޭގައި ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ އުސޫލު ދަށުން ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އަދި އެ ސަރަޙައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތަކެއް އެ ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފަށަފައިވާ ކަމަށެވެ. އެގޮތުން މިފަދަ 80 އުޅަނދުގެ މައުލޫމާތު އާބަންކޯ އިން އާންމުކޮށްފައިވެ އެވެ.
އެ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާ ނަމަ އާބަންކޯއަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެގުމަށް އާބަންކޯއިން ވަނީ އަންގާފައި އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރުމުގެ އުސޫލުގެ ދަށުން މި އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށް ވެސް އާބަންކޯ އިން ބުނެފައިވެ އެވެ.
ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯ އިން މިދިޔަ މަހު ވަނީ އަންގައިފަ އެވެ.
ތިލަފުއްޓާއި ގުޅިފަޅު ފަޅުތެރޭގައި ހުރި އުޅަނދުތަކާމެދު އަމަލުކުރާނެ އުސޫލެއް އާބަންކޯ އިން ވަނީ އާންމު ކޮށްފަ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ތިލަފުއްޓާއި ގުޅިފަޅު ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ތިލަފުއްޓާއި ގުޅިފަޅުގެ މާސްޓާ ޕްލޭންއާއި އެއްގޮތަށް ތަރައްގީގެ މަޝްރޫއަށް ހުރަސްއެޅެމުންދާ ކަަމަށް އެ ކުންފުނިން އިން ބުނެ އެވެ.
އެ ތަކެތި ނެގުމަށް އެންގީ ތަކުރާރުކޮށް އެކި ފަހަރު މަތީން އެތަކެތި ނެގުމަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށް އާބަންކޯ އިން ބުނެ އެވެ.