މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް އެމްޑީޕީ އިން ވަކިކޮށް ޕާޓީގެ އެއްވެސް އިންތިހާބެއްގައި ކުރިއަށް އޮތް ފަސް އަހަރަށް ބައިވެރިނުވެވޭގޮތަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

މެމްބަރު އާޒިމް އެމްޑީޕީން ވަކިކުރީ އިއްޔެ ބޭއްވި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ކޮމެޓީގެ ނިންމާފައި ވަނީ އާޒިމް އަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ގޮތަށެވެ.

އާޒިމްއަށް އެޅި ފިޔަވަޅުތަކަކީ:

  • އެއް އަހަރު ދުވަހަށް ޕާޓީން ވަކިކުރުން
  • އެއްވެސް ޕްރައިމަރީއެއްގައި ފަސް އަހަރު ވަންދެން ވާދަނުކުރެވުން
  • އެމްޑީޕީއަށް އަލަށް ވަންނަން ބޭނުން ނަމަ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުން

ވަޒީރުންގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުގައި ބައިވެރިވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަސް މަޖިލިސް މެންބަރަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ޕާލަމެންޓްރީ ގްރޫޕުން ވަނީ ފޮނުވާފަ އެވެ.

ފިޔަވަޅު އަޅައިދިނުމަށް ފޮނުވާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރަގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށެވެ.