އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ހިލާފުވަމުންދާ ހަތަރު މެމްބަރަކަށް އެންމެ ފަހުގެ ފުރުސަތު ދީ، ޕާޓީން ވަކިކުރާނެކަމުގެ އިންޒާރު ދީފި އެވެ.
ފިޔަވަޅު އަޅައިދިނުމަށް ފޮނުވާ މައްސަލަ ބެލުމަށް ފަހު ޕާޓީން ވަކިކުރާނެކަމުގެ އެންމެ ފަހުގެ އިންޒާރު ދީފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރަގެ މެމްބަރު އިމްތިޔާޒް ފަހުމީގެ މައްޗަށެވެ.
މި މެމްބަރުންގެ މައްސަލަ ބެލުމަށް ފަހު ކޮމެޓީން ނިންމާފައި ވަނީ އެ ބޭފުޅުން ޕާޓީން ވަކިކުރުމުގެ ކުރިން ދޭ އެންމެ ފަހުގެ އިންޒާރު ދިނުމަށެވެ.
މިހަތަރު މެމްބަރުންގެ އިތުރުން މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމްގެ މައްސަލަ ވެސް ބަލައިދިނުމަށް ވަނީ ކޮމެޓީއަށް ފޮނުވާފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ކޮމެޓީން އިއްޔެ ވަނީ އާޒިމް ޕާޓީން ވަކިކޮށްފަ އެވެ.
މި ހުރިހާ މެމްބަރުންނަކީ ވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރައްވާ ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އުޅުއްވާ މެމްބަރުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ހިލާފުވުމާއި ކެބިނެޓް ވަޒީރުންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ދޭތީ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވެސް ވައްދާފަ އެވެ. އަދި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މިއަދު މަޖިލީހަށް ފޮނުވި ނަމަވެސް އެ މައްސަލަ ވަނީ އަނބުރާ ނަގައިފަ އެވެ.
ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ 15 މެމްބަރުންގެ ސޮޔާއެކު އެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބުނެފަ އެވެ.