އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމްޑީޕީ އިން މިއަދު ވަކިވެއްޖެ އެވެ.

އެމްޑީޕީން ވަކިވި މެމްބަރުންގެ ތެރޭގައި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ހިމެނި ވަޑައިގަންނަވަ އެވެ. ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވި ނަމަވެސް ރައީސް ނަޝީދު ޕާޓީ އިން ވަކިވެވަޑައެއް ނުގަންނަވަ އެވެ.

އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފް، އިލްޔާސް ލަބީބް، އިމްތިޔާޒް ފަހުމީ، ޔާސިރު އަބްދުއްލަތީފް، އިބްރާހިމް ރަޝީދު (ބޮންޑޭ)، ހަސަން އަފީފް، ހުސެއިން ފިރުޝާން، މުހައްމަދު ރަޝީދު ހަސަން ޝިޔާން، އަހްމަދު ޒާހިރު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް "ހުރިހާ" އަށް ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ހަސަން ވިދާޅުވީ އެބޭފުޅާ މިއަދު ޕާޓީން ވަކިވެފައިވާ ކަމަށެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ މިއަދު ހަވީރު 17:00 ގައި ނޫސްވެރިންނާއި ބައްދަލު ކުރަން ނިންމާފަ އެވެ. އެ ބައްދަލުވުމުގައި އިތުރު ތަފްސީލް ދެއްވާނެ ކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ މެމްބަރުން އެމްޑީޕީ އިން ވަކިވެފައިވާއިރު މަޖިލީހުގެ މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް އިއްޔެ ވަނީ ޕާޓީން ވަކިކޮށްފައެވެ. މީގެ އިތުރުން ފިކުރެއްގެ ދިރުން ފެކްޝަންގެ 5 މެމްބަރަކަށް ވަނީ ފިޔަވަޅު އަޅާ ޕާޓީން ވަކިކުރަނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ދީފަ އެވެ.

އެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ ތަކުރާރުކޮށް ޕާޓީގެ ވިޕްލައިނާ ހިލާފުވުމާއި ކެބިނެޓް ވަޒީރުންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ދޭތީ އެވެ.

އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނޫ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއަށް ނާކާމިޔާބުވުމުންނެވެ. އެމަނިކުފަނު ވަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީން ވަކި ފެކްޝަނެއް އުފައްދަވާ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ފައްޓަވާފަ އެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓީ އާއެކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރަމުންނެވެ.