ފިކުރެއްގެ ދިރުމުން ހަދާ ޕާޓީއަށް ނަމާއި ލޯގޯ އާއި ކުލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ ފިކުރެއްގެ ދިރުމުން ސިޔާސީ ޕާޓީއެއް އުފައްދަނީ ނިންމާފައިވާ އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފިކުރެއްގެ ދިރުމުން ހަދަން ގަސްތުކުރާ ސިޔާސީ ޕާޓީއަށް ނަމާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 ކުރިން ނަމާއި ލޯގޯ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. ފިކުރެއްގެ ދިރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ގ. ބޮޑުފެންވަޅުގޭގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ސިޔާސި ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ.

އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ 12 މެމްބަރަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން ވަކިވެފަ އެވެ. އަދި އެ މެމްބަރުން އެމްޑީޕީއިން ވަކިވި ނަމަވެސް ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިނުގަންނަވަ އެވެ.