އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން ހަދާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މާދަމާ މެންދުރު 12:45 ގައި ސިޔާސީ ޕާޓީ އުފެއްދުމަށް ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން މިރޭ ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ސިޔާސި ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ.

އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ 13 މެމްބަރަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން ވަކިވެފަ އެވެ. އަދި އެ މެމްބަރުން އެމްޑީޕީއިން ވަކިވި ނަމަވެސް ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިނުގަންނަވަ އެވެ.

ފިކުރެއްގެ ދިރުމުން ހަދާ ޕާޓީ އަށް ކިޔާނެ ނަމަކާއި ލޯގޯ ހުށަހެޅުމަށް އާންމުންނަށް ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ފިިކުރެއްގެ ދިރުން ޕާޓީ" އާއި "ކޮންޒަވޭޓިވް ޕާޓީ" އާއި "ފްރީ ޑިމޮކްރަޓިކް ޕާޓީ" އަދި "ލިބިރަލް ޕާޓީ" ފަދަ ނަންތައް ވަނީ ދީފަ އެވެ. ޕާޓީ ރަޖިސްޓަރީ ކުރަނީ ކޮންނަމެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ.