އަދަލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފި އެވެ.

އަދާލަތު ޕާޓީ އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހުއަށް ތާއީދުކުރުމަށް ނިންމައިފަ އެވެ.

އަދަލަތު ޕާޓީގެ އިލްމުވެރިން ރައީސް ސޯލިހު އާ ބައްދަލުކުރެއްވީ މިއަދު ރައީސް އޮފީހުގަ އެވެ. މިބައްދަލުވުމަކީ ކުރިއަށް އޮތް ރިޔަސީ އިންތިހާބާ ގުޅޭގޮތުން ބައެއްކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމަށް ފަހު އަދަލަތު ޕާޓީން ބުނީ އެޕާޓީން މި ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާތީ، ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން މިއަދު ރައީސާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެބައްދަލުވުމުގައި އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރައްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރީން މިއަދު ރައީސް އާއި އކެު ބޭއްވެވި ބައްދަލުވުން

އަދާލަތު ޕާޓީގެ ގިނަ ބޭފުޅުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭއިރު، އެ ޕާޓީ އަކީ މިހާރު ހިނގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެއް ޕާޓީ އެވެ.

ހަމައެހެންމެ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާއީ އިންތިހާބުގައިވެސް އަދާލަތުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.