ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 50 މެމްބަރުންގެ ސޮއި ހަމަކޮށްފި އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުން މިއަދު ވަނީ ނިންމައިފަ އެވެ.

އެވަގުތުން ފެށިގެން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މެމްބަރުންގެ ސޮއި ހަމަކުރަން އެމްޑީޕީން ވަނީ ފަށައިފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު ވިދާޅުވިީ އެ މައްސަލަ ހުށަހެޅުމަށް ފާސްވީ އެ ބައްދަލުވުމުގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކު ކަމަށެވެ.

މަޖިލީހުގައި މިވަގުތު އެމްޑީޕީގެ 56 މެންބަރަކު އެބަ ތިއްބެވި އެވެ.

އެމްޑީޕީ ޕީޖީގެ ނައިބު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު 44 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު 50 މެމްބަރުން ވަނީ އެ މައްސަލާގައި ސޮއިކޮށްފަ އެވެ.

އެ މައްސަލާގައި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) އާއި ބައެއް އެހެން މެންބަރުން ވެސް ވަނީ ސޮއި ކުރައްވާފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބަރުނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާފައި ވަނީ 50 މެމްބަރުންގެ ސޮޔާއެކު އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. އެހެންވީމާ އެމައްސަލަ މަޖިލީހަށް ހުށަހެޅޭނީ 22 މެމްބަރުންގެ ސޮޔާއި އެކު އެވެ.