ކުރީގެ ރައީސް ޔާމީންއާ މެދު އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމަށް މިއަދު ދިއުމުން ވެސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ކުރުމަށް ދެކޮޅު ހަދައިފި އެވެ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ އިސްބޭފުޅުންތަކެއް މިއަދު ހެނދުނު އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެކޮމިޝަނަށް ވަޑައިގެން ނަމަވެސް ކޮމިޝަންގެ މެމްބަރަކާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.

އެ ކޮމިޝަންގެ މެމްބަރުން ވަނީ އެބޭފުޅުންނާ ބައްދަލުނުކުރައްވާ ވަޑައިގެންފަ އެވެ.

އެޗްއާރުސީއެމް ގައި އިދިކޮޅު ބޭފުޅުން ގާތްގަނޑަކަށް 4 ގަޑި އިރު ތިއްބެވި ނަމަވެސް ކޮމިޝަންގެ އެއްވެސް ބޭފުޅަކު ވަޑައިގެންފައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހުވެސް އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް އެދުވަހު ވެސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހާ ބައްދަލުކުރެވޭ ގޮތެއް ނުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިއްޔެ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް ސޯލިހާއި ބައްދަލު ކުރަން އެދުމުން އެއޮފީހުން ދެއްވީ އީމެއިލް އެޑްރެހެއް ކަމަށެވެ.