ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ޝަރީފް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށްފަހު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވަން އިންކާރު ކުރައްވައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައިގެ މުއްދަތު ހަމަވެގެން ބޭއްވި ޖަލްސާގައި ވެސް ރިޔާސަތާއި ހަވަލުވެވަޑައިނުގެން މަޖިލީހުގެ ރައީސް އިންނެވީ މަޖިލީހުގެ ކުޑަ ދަށުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިއީ މުޅި މަޖިލީހުގެ ނިޒާމަށް އަރައިގަނެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއްކަމަށެވެ.

"އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިއަމަލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 180 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން،" އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވި އެވެ.

އިމްތިޔާޒުގެ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ނެގުނު ވޯޓު ފާސްވީ، 37 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފިނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެ އެވެ. އެއާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ނަޝީދު ރިޔާސަތުގައި އިންނަވަން ދެކޮޅު ހެއްދެވީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ، އެ މައްސަލައިގައި ގޮތެއް ނިމެންދެން ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދުން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވަންދެން ރިޔާސަތުގައި އިންނެވުމަށް ހުރަހެއް ނެތެވެ.