ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަލީ ޝާމިން އާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
ޝަމިން އާއި އެވިލާ ޖުމްހޫރީ ޕާޓީ ދޫކޮށް އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އިރު ސަރުކާރުގައި ޖޭޕީގައި ތިއްބެވި ބައެއް ބޭފުޅުން ރޭ ވެސް ވަނީ އެމްޑީޕީ އާ ގުޅިފަ އެވެ.
އޭގެ ތެރޭގައި ފެން ކުންފުނީގެ އެމްޑީ ހަސަން ޝާހް އާއި ހަޔާ އެޑިއުކޭޝަންގެ ނާއިބު އައިމިނަތު މުހައްމަދު ސަލީމް އާއި ހެެރިޓޭޖް މިނިސްޓްރީގެ ނާއިބު ވަލީދާ ވަލީދާއި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހިމެނެއެވެ. މީގެ އިތުރުން ޖޭޕީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުވެސް ވަނީ ރޭ އެމްޑީޕީ އަށް ސޮއިކުރައްވާފަ އެވެ.
ޝަމިން އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ޖޭޕީގެ ކައުންސިލް މެމްބަރެކެވެ.
މަޖިލީހުގެ ކުރީގެ މެންބަރު އެވިލާގެ އިތުރުން ތޮއްޑޫގެ ގިނަ ބަޔަކު ވަނީ އެމްޑީޕީ ގުޅިފައެވެ.
ޖުމްހޫރީ ޕާޓީން ވަކީން މިއަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން އެޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުން ވަނީ މީގެ ދުވަސްކޮޅެއް ކުރީން އެޕާޓީން ވަކިވެފަ އެވެ.
އެބޭފުޅުން ޖޭޕީ އިން ވަކިވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ދެވަނަ ބުރެއް ހޯދައިދިނުމަށް ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް އެބޭފުޅުން ޖޭޕީ އިން ވަކިވީ މަގާމުގެ ދިފާއުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.