މި ސަރުކާރުގެ ގެދޮރުވެރި ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ހޯދަން އެދުނު އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިއަދު ގޯތި ލިބޭ 5000 މީހުންގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.

މިލިސްޓް މިއަދު ގެޖެޓް ކުރެވިދާނެ ކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޝަކުވާއަށް ހުޅުވާލާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ލިސްޓު ކަނޑައެޅުމުގައި މީހުންގެ ދިރިއުމުގެ ހާލަތަށާއި، މިވަގުތު ބިމާއި، ދިރިއުޅޭ ތަންތަނުގެ ހާލަތުވެސް ބަލާފައިވާނެކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެ ލިސްޓް މިއަދު ގެޒެޓްކުރާނެ. އޭގައި ވާނެ އެޕްލިކޭޝަން ލީ މީހުންނާއި ލައިފައި ވަނީ ކިތައް އެޕްލިކޭޝަން ވެސް. ރައީސް ވެސް އިއުލާން ކުރައްވާފައި ވަނީ 5000 ގޯތި. މި ވަގުތަށް އެ 5000 އެޕްޕިކަންޓަކީ ކޮބައިކަން ވެސް އެނގެން އޮންނާނެ. އަދި ޑިސްކޮލިފައިވީ ކޮން ބައެއް ކަން ވެސް ޕޯޓަލް އިން އެނގެން އޮންނާނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ގޯތި ލިބުނު މީހުންގެ ލިސްޓް އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާލޭ ސަރަހައްދުން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތުގައި 15،164 ފޯމް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން މިފަހަރު ދޫކުރާ 5000 ގޯއްތިން ޗޮއިންޓް އެޕްލިކޭޝަނާއެކު 10314 މީހަކަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.