ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ ނެރުއްވާ "އޯޝަން ވީކްލީ" މަޖައްލާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޔާސި ކެންޑިޑޭޓަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެއް ވެސް ނޫން ކަމަށާއި ރައީސް މުހައްމަދު ނަޝީދެއް ވެސް ނޫން ކަމަށް ލިޔެފައި އޮތް އާޓިކަލްއަކާ ގުޅިގެން ޕީޕީއެމް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އޯޝަން ވީކްލީގެ މި ހަފްތާގެ މަޖައްލާގައި ރައީސް ޔާމީން އާއި ރައީސް ނަޝީދުގެ ފޯޓޯއަކާއެކު ލިޔެފައި ވަނީ "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް" މިހެންނެވެ.

ޕީޕީއެމްއާއި ރައީސް ނަޝީދު އުފެއްދެވުމަށް މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްއެކުގައި ސިޔާސީ މަސައްކަތްތަކެއް ދާދިފަހުން ވަނީ ފަށައިފަ އެވެ. އަދި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރަތައް އަންނަނީ ބާއްވަމުންނެވެ.

ޕީޕީއެމްއާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރުމަށް މަސްވަރާތައް ކުރިއަށް ދަނިކޮށް ރައީސް ނަޝީދުގެ އޯޝަން ވީކްލީގައި ލިޔުނު މި އާޓިކަލްއާއި ގުޅިގެން ޕީޕީއެމްގެ މެމްބަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ޕީޕީއެމް ސެނެޓްގެ ވަޓްސްއެޕް ގްރޫޕްގައި އެތައް މެންބަރުންނެއް ވަނީ ނުރުހުން ފާޅުކުރައްވައި ޕާޓީގެ ލީޑާޝިޕުން މި ލިޔުން ކުށްވެރިކުރަން ޑިމާންޑްކޮށްފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ "އޯޝަންވީކްލީ: ވެސް ހުވަފެނީ ވާހަކަ ދައްކަން ފެށީ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީއަކުން 2023 ގެ ރިޔާސީ އިންތިހާބަށް ދެއްކި ރިޔާސީ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 23 ޖުލައި ގައި އެންމެ ފުރަތަމަ އިލެކްޝަންސްއަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ވިދާޅުވީ, ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި, އެހެން ޕާޓީތަކުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުސެން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ރައީސް ޔާމީން ނޫން އެހެން ކެންޑީޑޭޓެއް ނުނެރޭނެ ކަމަށް ތަކުރާރުކޮށް އެޕާޓީން ދަނީ ބުނެމުންނެވެ. ޑިމޮކްރެޓްސްއާއި ޕީޕީއެމް ގުޅިގެން މަސައްކަތްކުރާ އިރު މިސަރުކާރު ބަދަލުކުރުމަށް ކޮންމެ ކަމެއް ވެސް އެއީ ވެދާނެ ކަމެއް ކަމަށް ދެ ޕާޓީން މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ބުނެފަ އެވެ.