ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވިއިރު ޕީޕީއެމް ކޯލިޝަންގެ ލީޑާޝިޕުން ވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް މިއަދު ގާސިމް އިބްރާހީމް އާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު މިރޭ ގާސިމް ކުރެއްވި ޓްވީޓެއެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ. އެހެންވެ ކޮންމެ ދިވެހިރައްޔިތަކަށް ވެސް އިސްވެ މިދެންނެވި ހައްގުތަައް ފުރިހަމައަށް ލިބެން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނު އަސާސީއިން ލިބިދޭ އަސާސީ ހައްގެއް ކަމަށާ އެއީ އިންސާނީ ހައްގެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ލަސްވުމެއް ފަސްވުމެއް ނެތި އަދުލުވެރިކަމާ، ހަމަހަމަކަމާއެކު، އިންސާފު މި ގައުމުގައި ގާއިމުކުރެވެން ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައިތޯ އާއި ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވައުދުވި ގޮތަށްތޯ ގާސިމް ވަނީ ސުވާލުކުރައްވާފަ އެވެ.

ގާސިމް އާއި ޕީޕީއެމްގެ ލީޑަޝިޕުން މިއަދު ބޭއްވެވި ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވަ އެވެ. އެހެން ނަމަވެސް އެއީ ގައުމުގައި ހިނގާ ބޮޑެތި ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށް އިދިކޮޅު ކޯލިޝަން މިވަގުތު ހިނގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.

އެއާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.