ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި، އެ ޕާޓީ ރޫޅާލާއްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ވަކިވެވަޑައިގެން މިރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދު ތަކުރަރުކޮށް ވިދާޅުވީ އެމްޑީޕީ އެމަނިކުފާނު ރޫޅާ ލައްވާނެ ކަމަށެވެ.

ކަށިކެޔޮގަނޑެއްގެ މިސާލު ޖައްސަވާ ރައީސް ނަޝީދު ވިދާޅުވީ ކަށިކެޔޮގަނޑުގެ ފޫވަށް ނެއްޓުމުން ރޫޅޭނެ ކަަމަށެވެ. އެގޮތަށް އެމްޑީޕީ ވެސް އެދަނީ ރޫޅެމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ރޫޅާ ލައްވާނެ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީ ރޫޅާލާނަން. އެމްޑީޕީ އެދަނީ ރޫޅެން އަޅުގަނޑު އެމްޑީޕީ ރޫޅާލާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝިދު ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން:

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އުފެއްދީ ވަކި މަގުސަދެއްގައި ރައްޔިތުންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވުމަށް ކަމަށެވެ.

އެމްޑީޕީން ވަކިވާން ޖެހުމުން އިންތިހާއަށް ދެރަވި ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އަސާސްތައް މިއަދު އެމްޑީޕީ އިން ނެތި ހިނގައްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވީ ރައްޔިތުންނަށް ބަސްބުނެވޭ ރައްޔިތުންގެ ވެރިކަމެއް ކަމަށާ އިހުލާސްތެރި ވެރިކަމެއް ކޮށްދެއްވާނެ ވެރިއެއް ކަމަށެވެ. އެމްޑީޕީ އުފެއްދީ އެ އުންމީދުގައި ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީއެއް އުފެއްދީ ފިކުރެއް ދިރުވަން އުސޫލުތަކެއް ގަބޫލު ކުރެވޭތީ ހަޔާތުގެ ގިނަ ދުވަސް ހޭދަ ކުރީ އަނިޔާގާ ދިވެހިންނަށް ހައްގު މިންވަރު ތައާރަފް ކުރަން މި ދިރިގެންދާ އުސޫލުތައް އެއީ ދިވެހިންގެ އުމްމީދު އަލާވާނޭ އުންމީދުތަކެއްގެ ގޮތުގަ ތައާރަފް ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝިދު މިރޭ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އިރު އެމަނިކުފަނާއިއެކު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އާއި ގިނަ އަދަދެއްގެ ބަޔަކު ޑިމޮކްރެޓްސްއަށް ސޮއިކުރި އެވެ.