ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ނިއުޔޯކް އަށް ވަޑައިގެންނެވި ދަތުރުފުޅުގެ ޚަރަދު ސިއްރުކުރުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް 2021 ވަނަ އަހަރު ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދާއި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު ހޯދަން ވަނީ ހުށަހަޅާފަ އެވެ.

އެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ ބޭފުޅުންތަކެއް ބައިވެރިވި އެވެ. އަދި ސަރުކާރުގެ މަގާމުތަކުގައި ހިމެނިވަޑައިނުގަންނަވާ ބަޔަކު ވެސް ބައިވެރިވެފައިވެ އެވެ.

އެ ޚަރަދުތައް ހޯދަން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން ދައުލަތުން ވަނީ އެ ހަރަދުތަކުގެ ތަފްސީލް ނުދީ ސިއްރު ކޮށްފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ވެސް ދައުލަތުން ވަނީ އެ ތަފްސީލުތައް ހާމަނުކޮށް ހިފެހެއްޓުމަށް އެދިފަ އެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެއީ ހިފެހެއްޓޭނެ މައުލޫމާތުތަކެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ.

އެހެންވެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފަ އެވެ. ހައިކޯޓުން ވެސް ނިންމީ އިންފޮމޭޝަން ކޮމިޝަނާ އެއްކޮޅަށެވެ. އެހެންވެ ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓުަގައި އިސްތިއުނާފު ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ހައި ކޯޓުގެ ނިންމުމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެމައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.