ސަރުކާރުން ހިންގާން ހުރި މަޝްރޫއުތަށް ނިމުމުން ބޮޑު ތިލަދުންމައްޗަކީ އަނެއްކާ ވެސް ފުދުންތެރި އަތޮޅަކަށް ވާނެ ކަމަށާއި ތަރައްގީގެ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނު ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.

ރައީސް ވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން ސަރުކާރުން މިހާރުވެސް ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިމުމުން ބޮޑެތި ބަދަލުތަކެއް އަންނާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އިހަވަންދޫގައި މިރޭ ބޭއްވި ރައީސްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ އެމްޑީޕީ

މިހާރު ވެސް ހޯރަފުށީ އެއާޕޯޓު އޮތުމުން ހއ. އަތޮޅުގެ ރައްޔިތުން ކުރަމުންއައި އުނދަގޫ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިހަވަންދޫގައި ހިއްކަން ފަށަފައިވާ ބިން ހިއްކާ ނިމުމުން އަންނަ ހަފްތާތެރޭގައި މަސް ގަންނަ ބަނދަރަކާއި 50 ޓަނުގެ ބްރައިން ފްރީޒް ކުރެވޭ އަދި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިހަވަންދޫގައި މިރޭ ބޭއްވި ރައީސްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ އެމްޑީޕީ

މީގެ އިތުރުންވެސް މަގު ހެދުމުގެ މަޝްރޫއާއި ބަނދަރުގެ ނެރު ބަދަލުކުރުމާއި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއުއެއް ހިންގަން ފަށާނެ ކަމަށާ ބޯހިޔާވަހިކަމުގެ މަޝްރޫއު ވެސް ފަށަނެ ކަމަށް ރައީސް ވިދަޅުވި އެވެ.

ރައީސް ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވެސް ގިނަ ރަށްތަކަކަށް ޒިޔާރަތް ކުރައްވާފައިވެ އެވެ. އަދި މާދަމާ ވެސް ހއ. އަތޮޅުގެ ގިނަ ރަށްތަކަކަށް ކުރުމަށް ވަނީ ނިންމަވާފަ އެވެ.

އިހަވަންދޫ ބަނދަރުގައި ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ބައްވާފައި ވަނީ އިހަވަންދޫ އެމްޑީޕީ ހަރުގޭގަ އެވެ.