އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު އިއުލާން ކުރުމުގެ ޖަލްސާ މާދަމާ ރޭ ފުވައްމުލަކުގައި ބޭއްވުމަށް ނިންމައިފި އެވެ.

ރިޔާސި އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ކުރިން ރަނިންމޭޓަކަށް ނެންގެވި ބޭފުޅަކު އިއުލާން ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނިން މޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ އިސް ބޭފުޅުންނާއި ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު މިހާރު ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. ފައިސަލްގެ އިތުރުން މި ލިސްޓްގައި ދެން ހިމެނެނީ ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.

ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެއްވެސް ކެނޑިޑޭޓެއް ރަނިން މޭޓަކު ކަނޑައަޅާފައެއް އަދި ނުވެ އެވެ.