އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު އިއުލާން ކުރުމަށްޓަކައި ބާއްވާ ޖަލްސާއަށް ބައިވެރިވުމަށް އެމަނިކުފާނު ފުވައްމުލަކު ސިޓީއަށް މިއަދު ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިއަދު ފުވައްމުލައް ސިޓީއަށް ކުރައްވަން އޮތް ދަތުރުފުޅު މާދަމާއަށް ވަނީ ފަސްކުރައްވާފައިވާ ކަމަށެވެ.

ކެމްޕޭން ދަތުރުފުޅު ފަސްކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރިޔާސި އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ރައީސް ސޯލިހު ވަނީ ނިންމަވާފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ކުރިން ރަނިންމޭޓަކަށް ނެންގެވި ބޭފުޅަކު އިއުލާން ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ. ފައިސަލްގެ އިތުރުން މި ލިސްޓްގައި ދެން ހިމެނެނީ ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.

ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެއްވެސް ކެނޑިޑޭޓެއް ރަނިން މޭޓަކު ކަނޑައަޅާފައެއް އަދި ނުވެ އެވެ.

ފުވައްމުލަކު ސިޓީއަށް ރައީސް ސޯލިހު ކުރައްވަން އޮތް ކެމްޕޭން ދަތުރުފުޅު ފަސްކުރައްވާފައިވާއިރު ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ވަރަށް ގޯހެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.