އިދިކޮޅު ޕީޕީއެމް އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ރިޔާސީ ކެންޑިޑޭޓެއް އަވަހަށް ދެއްކުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ގޮވާލައްވައިފި އެވެ.

ށ. އަތޮޅާއި ހއ. ހދ.ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަނިމާދޫގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން އިދިކޮޅު ފާރަތްތަކުގެ މާބޮޑު ކެންޕެއިނެއް ނުފެންނަ ކަމަށެވެ. ވަރަށް މަދުން ނޫނީ އިދިކޮޅު ފަރާތްތަކުންވެސް ހަރަކާތެއް ހިންގާތަނެއް ނުފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މާބޮޑު ވާދަވެރިންތަކެއް ނެތް ކަމަށާއި ގޮންޖެހުންތަކެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން އިދިކޮޅު ޕީޕީއެމް އިންވެސް އަވަހަށް ކެންޑިޑޭޓެއް ނެރެ ކެމްޕެއިން ފެށުމަށް ރައީސް އެދިވަޑައިގަތެވެ.

މިއަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިންނަކީ އަދި ގޮންޖެހުމަކަށް ވާނީ ޕީޕީއެމް ކަމަށް މީގެ ކުރިން ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ނެރެ އެންމެ ފުރަތަމަ ކެމްޕެއިންވެސް ފެށީ ޕީޕީއެމް އިން ނެވެ. ޕީޕީއެމްއިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ވ. އާރަށް މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވަފަ އެވެ. އެހެންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.