ސިޔާސީ މީހުން ޖަލުގައި ބައިތިއްބައިގެން ނޫނިއްޔާ ޕީޕީއެމް ސަރުކާރަށް އެއްވެސް މަސައްކަތެއް ކުރެވޭ ކަމަކަށް ނުވާނެ ކަމަށާއި މިހާރު ގާއިމްވެފައި އޮތް ހަމަޖެހުން ގެއްލޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި ހދ. ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ތަރައްގީގެ މަންފާ ރައްޔިތުންނަށް ހޯދައިދެވޭނީ ގައުމެއްގައި ސިޔާސީ ހަމަޖެހުން އޮވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިސަރުކާރަށް ދެވަނަ ދައުރެއް ބޭނުންވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ 2014 ވަނަ އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް އެއްވެސް މީހަކާށް އޮޅިފައި ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ބަސްބުނުމުގެ މިނިވަންކަން ނޯންނަކަން ހާމަކުރައްވާ ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އެއްވެސް ކަމެއް ކުރެވޭ ކަމަށް ވަނީ ސިޔާސީ ބޭނުމަކަށް ކޮންމެސް މީހަކު ޖަލަށްލާ ނުވަތަ ބަންދު ކޮށްގެން ކަމަށެވެ.
"ޕީޕީއެމްއިން ކޮންމެ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނުކުތަސް ތަންފީޒު ކުރަނީ ޕީޕީއެމްގެ ސިޔާސަތުތައް. އެ ސިޔާސަތުތައް ވަރަށް ސާފު، އެއްވެސް ކަމެއް އެދުވަހަކު ސަރުކާރަކަށް ނުކުރެވޭ ހިޔާލުތަފާތުވާ މީހަކު ޖަލުގަ ބައިންދާގެން ނޫނިއްޔާ. ބިރުވެރިކަމެއްގަ ރައްޔިތުން ތިބެން ޖެހުނީ. އަނގައިން ބުނާ ކޮންމެ މީހަކު ކޮންމެ ނޫސްވެރިއަކު ކޮންމެ ޓީވީ ޗެނަލްއެއް ޖޫރިމަނާ ކުރަމުން ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދުވެސް މިކުރަނީ ވެރިކަން ކަމަށާއި ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ ހދ. އަތޮޅަށް އެކަނި ބެލިކަމުގައި ވިޔަސް ރައީސް ޔާމީންގެ ސަރުކާރުން ކަމެއް ކޮށްދީފައި ނުވާކަން ހާމަ ވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ހދ. އަތޮޅުގައި ހިންގީ އެންމެ 79 މަޝްރޫއު ކަމަށާއި އެހެން ނަމަވެސް މިސަރުކާރުން 235 މަޝްރޫއު އެ އަތޮޅުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.