އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމާފައިވާތީ އެޕާޓީގެ ޓިކެޓަށް ކުރިމަތިލެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ އަށް ސޮއިކުރައްވައިފި އެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ.

ޕީއެންސީގެ ޓިކެޓުގައި ކުރިމަތި ލައްވާނެ ކަން މުއިއްޒު ވަނީ ހާމަ ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ ޕީއެންސީ ޓިކެޓަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރީ ކަމަށް ވިދާޅުވެ މިއަދު ޕީއެންސީ އަށް ސޮއި ކުރައްވާފަ އެވެ.

މުއިއްޒުގެ އިތުރުން ޕީއެންސީގެ ޓިކެޓަށް ވާދަ ކުރައްވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ.

ޕީއެންސީން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ނިންމުމާއެކު ޕީއެންސީގެ ޓިކެޓަށް ވަދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ވާދަކުރައްވާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު ކުރިއަށްދާނެ އެވެ. މި އިންތިޚާބުގައި ލާނީ ސިއްރު ވޯޓެކެވެ.