ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ޕީޕީއެމްއާއި ޕްރޮސެކިއުޓާ ޖެނެރަލް ތަދައްހުލްވެއްޖެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ޕީޕީއެމް އިންވެސް ވަނީ އެމައްސަލައަށް ތަދައްހުލްވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ އެދުމަށް ބަންޑާރަ ނައިބުވެސް ވަނީ އެމައްސަލައަށް ތަދައްހުލްވެފަ އެވެ.

އެމައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު ފަހު 3:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެމައްސަލަ ނިންމަން އެކޯޓަށް 7 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެމައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ލިޔުމުން ޖަވާބުދާރީ ވުމަށް އަންގާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ހުޅުވާލާފަ އެވެ. އެ ފުރުސަތު ހަމަވާނީ މިމަހުގެ 7 ވަނަ ދުވަހާ ހަމަ އަށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުމަކީ ގާނޫނޫއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ. އަދި ގިނަ ގާނޫނީ ވަކީލުން ވެސް ދެކެނީ އެމައްސަލާގައި އީސީ އިން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.