ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައަށް ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރި ވަގުތު ކަރަންޓު ކެނޑި ޝަރީއަތް ފެށުން މެދުކެނޑުމަށްފަހު އަލުން ޝަރީއަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. ރައީސް ޔާމީން މާލެ ގެނެސްފައި ވަނީ 2:00 ހާއިރު އެވެ. ނަމަވެސް ކަރަންޓު ނެތުމާ ގުޅިގެން ޝަރީއަތް ފެށުން ލަސްވެފައި އޮތުމަށްފަހު 3:30 ހާއިރު ކަރަންޓު އަލުން ލިބުމުން ޝަރީއަތަށް މީހުން ވަންނަން ވަނީ ފަށައިފަ އެވެ.

އެ މައްސަލަ ފަށާނެ ކަމަށް އިއުލާންކުރުމުން ސުޕްރީމް ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެއްވެފަ އެވެ.

ސުޕްރީމް ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ޕީޕީއެމްގެ ސަޕޯޓަރުން ޖަމާވެފައި. ފޮޓޯ: ހުސެއިން ވަހީދު | ހުރިހާ

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއާއެކު ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުންނާ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަލާމްކުރައްވަނީ. ފޮޓޯ: ހުސެއިން ވަހީދު | ހުރިހާ

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.