ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 ޖަލުހުކުމާއެކު 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރި ނަމަވެސް އެއީ އެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އަދި ހަމަނުވާ ކަމަށް އެމަނިކުފާނު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަސް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސް ޔާމީންގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ކޯޓުގައި ބުނެފަ އެވެ. ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ރައީސް ޔާމީން ނުދައްކަވާ އޮތް ސާބިތު ދަރަންޏެއް އެބައޮތް ކަމަށެވެ.

ކޯޓުގައި ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ވ. އާރަށް މައްސަލައިގެ ހުކުމުގެ އެއްބައި ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލާގައި ދަރަނި ދެއްކުމަށް އަދި މީރާ އިން ނޯޓިސް ދީފައި ނުވާކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހުފޫޒް ސައީދު ވާހަކަދައްކަވަނީ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ފުރުސަތު ދިނުމަސް އެދިފަ އެވެ. އެހެން ނަމަވެސް އިތުރު ފުރުސަތު ދީފި ނަމަ އިންތިހާބު ލަސްވެ ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބު ކުރުން ލަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެ ފައެވެ.

އިންތިހާބު އޮންނަ ދުވަސް ލަސްކޮށް އިތުރު ބަދަލުތަކެއް ގެނެސްފި ނަމަ އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންގެ ހައްގުތަކަށް ހުރަސް އެޅޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ކޯޓުގައި ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އިންތިހާބަށް އިތުރު ވަގުތު ދީފި ނަމަ ކެމްޕެއިން ކުރުމަށް އިތުރު ވަގުތުދީ، އިންތިހާބު އެއްކޮށް ލަސްވެގެންދާނެ ކަމަށެވެ.

"އިންތިހާބު ބާއްވާ ދުވަސް ފަސްކޮށްފި ނަމަ މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއް،" ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ. އެއީ އަންނަ ހޯމަ ދުވަހެވެ. ރައީސް ޔާމީންގެ ފަރަތުން މިއަދު ކޯތުގައި އެދިފައި ވަނީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެވިއްޖެ ނަމަ ޕީޕީއެމް އިން އެހެން ކެންޑިޑޭޓް އެއް ނެރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެދިފަ އެވެ.